-1764016139281.webp)
ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު އެ ޕާޓީން ވަކިވެއްޖެ ނަމަ، މެމްބަރުކަން ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ. މިކަމާ ގުޅޭ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލް ދިރާސާކުރުމަށްފަހު ފާސްކޮށްފައިވަނީ ގިނަ މެމްބަރުންގެ ތާއީދާއެކުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އިސްލާހުގެ މަގުސަދަކީ ސިޔާސީ ޕާޓީތަކުގެ ހަރުދަނާކަން ކަށަވަރުކުރުމާއި، މެމްބަރުންގެ ވަފާތެރިކަން ދެމެހެއްޓުމެވެ.
ނަމަވެސް، މި އިސްލާހަށް ގެނައުމަށްޓަކައި، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ، ޕާޓީ ބަދަލުކުރުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަން ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ކަމަށް ކަނޑައެޅުމަށެވެ. އެހެންނަމަވެސް، މުޅި މަޖިލީހުގެ ކޮމެޓީން މި ބިލް ދިރާސާކުރުމަށްފަހު ވޯޓަށް އެހިއިރު، ފުނަދޫ ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު މަމްދޫހު ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އޮތް މާއްދާ އުނިކުރަން ހުށަހަޅުއްވައިފަ އެވެ.
މަމްދޫހުގެ ހުށަހެޅުން ފާސްވީ، ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ ތެރެއިން 50 މެމްބަރުންގެ ތާއީދާއެކުއެވެ. އަދި އެ މާއްދާ އުނިކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވޯޓު ދެއްވިއިރު، 2 މެމްބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވައެވެ. މިއާއެކު، ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭނުންނުވާ ގޮތަށް މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
މިކަމާ ގުޅިގެން ފާހަގަކޮށްލެވޭ ގޮތުގައި، ޕާޓީ ބަދަލުކުރާ ނުވަތަ ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ކުރިން އޮތީ މައްސަލައެއް ހުށަހަޅައިފަ އެވެ. މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ކުރިން ކުރިއަށް ގެންދިޔަ ނަމަވެސް، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަދަލުވުމަށްފަހު އެ މައްސަލާގެ އަޑުއެހުންތައް މިހާތަނަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.