-1763968427031.webp)
އެމްޑީޕީ ހިންގެވުމަށް އެޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒު އިސްމާޢީލް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށާއި، އެކަން ޕާޓީގެ އެންމެހާ މެންބަރުން ބަލައިގަންނާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޗެއާޕާސަން ކަމުގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ޞާލިޙް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރޭ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، ޕާޓީގެ ޗެއާޕާރސަންގެ މަޤާމުގައި ހުންނަވައިގެން ފައްޔާޒު އެ ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ. އަދި ފައްޔާޒުގެ ޗެއާޕާސަންކަމުގެ ދައުރުގައި ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނުކަން ފާހަގަކުރައްވައި ޞާލިޙް ވިދާޅުވީ، އެ ހުރިހާ ވަގުތެއްގައި ވެސް ޕާޓީ ހިންގެވުމުގައި އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަމަށެވެ.
މިއާއެކު ރައީސް ޞާލިޙް ވަނީ ކުރިއަށް އޮތް ތަނުގައި އަލަށް އިންތިޚާބުވާ ޗެއާޕާސަނަކަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ އެމްޑީޕީ އަށް އަބަދުވެސް ކުރިއެރުން ލިބުން ކަމަށްވެސް ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވާކަން ފައްޔާޒު އިއުލާނު ކުރެއްވީ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އަދި އެ ޖަލްސާގައި އޭނާ ވަނީ އިސްތިއުފާގެ ސިޓީ ހުށައަޅުއްވާފައެވެ. ފައްޔާޒު ހުށަހެޅުއްވި ސިޓީގައި ވަނީ ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވާ އެކަމަށް ފުރުސަތު ދެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވާ ކަމަށެވެ.
އަދި ވިދާޅުވީ އެމްޑީޕީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް އޭނާއަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެންނަވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.