
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ ރޭ މައްޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާވަލުކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 8:30 ގައި އަމީނިއްޔާ ސްކޫލްގަ އެވެ.
ހީނާ ވަލީދު ވިދާޅުވީ، އެ ބައްދަލުވުމަށް މައްޗަންގޮޅި އަވަށުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދެއްވާ ކަމަށެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ހުޅުމާލެ ވެސް ހިމެނޭ ގޮތަށް މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ.
މިފަދަ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ރޭގައި ވަނީ ވިލިމާލޭގެ ރައްޔިތުންނާ އެކު، އެ އަވަށަށް ރައީސް ވަޑައިގެން ބާއްވައިފަ އެވެ. ޓީވީތަކުން ލައިވްކޮށްގެން ބޭއްވި އެ ބައްދަލުވުމުގައި، ރައީސް ވަނީ ވިލިމާލޭގެ މީހުންގެ ކަންބޮޑުވުންތައް ވަކިވަކިން އައްސަވައި، އެ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މާލޭގެ ހުރިހާ އަވަށްތަކުގެ މީހުންނާ ބައްދަލުކުރައްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ. އަދި ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ހަފުތާއަކު ދެ ދުވަހު ވެސް ބައްދަލުކުރެއްވޭތޯ ބައްލަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ނިންމަވާފައި ވަނީ މާލޭގައި އުޅޭ ވިޔަފާރިވެރިންނާ އެކު ވެސް ބައްދަލުވުންތަކެއް ވަރަށް އަވަހަށް ފައްޓަވާށެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވެރިކަމުގެ މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ ވަޑައިގެންފަ އެވެ. ބައެއް ރަށްރަށަށް ދެ ފަހަރު ވެސް ވަޑައިގަތެވެ.