navLogo

ރަސްމީ ދަތުރުފުޅެއްގައި ރައީސް، އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ރައީސް، އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ
social media
މަރިޔަމް

ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި އަންނަ މަހު ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. މި ދަތުރުފުޅު އޮންނާނީ އަންނަ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ކަމަށް ވެސް އެ ނޫސްތަކުން ބުނެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކޭގެ ރަސްމީ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ލަންކާގެ އިކޮނޮމީ ނެކްސްޓު ނޫހުގައި ބުނާގޮތުގައި ތިން ދުވަހުގެ މި ދަތުރުފުޅުގައި ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން އަދި މައުލޫމާތު ބަދަލުކުރުމާ ގުޅޭގޮތުން ހަ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ދިވެހި ސަރުކާރުން ހާމައެއް ކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު ލަންކާއަށް މި ދަތުރުފުޅު ކުރައްވަނީ މިދިޔަ ޖުލައި މަހު ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ހަތަރު މަސް ފަހުންނެވެ. އެ ދަތުރުފުޅުގައި މުހިއްމު ދެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކުރެއްވިއެވެ. އެގޮތުން މިއުޗުއަލް ލީގަލް އެސިސްޓެންސް އެގްރީމެންޓާއި، ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް (ފޯސިމް) އާއި ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓް (ބިޑްޓީ) އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި ގާތްގަނޑަކަށް އަހަރަކު 40 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. މައިގަނޑު ގޮތެއްގައި ލަންކާއިން ރާއްޖެއަށް ހެދުން، ސެރެމިކްސް އަދި ކާބޯތަކެތި އެކްސްޕޯޓުކުރެއެވެ. ފަތުރުވެރިކަމުގައި ވެސް ދެ ގައުމު މަގުބޫލު އިރު، ދިވެހިން ސިއްހީ ފަރުވާއަށާއި މަތީ ތައުލީމު ހާސިލުކުރުމަށް ކޮލަމްބޯގެ ހޮސްޕިޓަލްތަކަށާއި ތައުލީމީ މަރުކަޒުތަކަށް ގޮސް އުޅެއެވެ.

ދިފާއީ އަދި ސަލާމަތީ ގުޅުން 1988 ވަނަ އަހަރުން ފެށިގެން އިތުރުވެފައިވާއިރު، މިހާރު ދެގައުމުން ގުޅިގެން ނޭވަލް އެކްސަސައިޒްތައް ކުރިއަށްގެންދެއެވެ. އަދި ކަނޑުފޭރުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާބެހޭ މައުލޫމާތުތައް ބަދަލުކުރާ ކަމަށް ވެސް ލަންކާގެ ރިޕޯޓުތަކުން ދައްކައެވެ. ސިޔާސީ ގޮތުން، ދެގައުމުގެ ވެރިކަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގުޅުމަށް މާބޮޑު އަސަރެއްކޮށްފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވެއެވެ.

Rate this article

Leave a Comment

Comments (0)