
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި މައިކްރޮފޯނުތަކަށް ގެއްލުންދިން މައްސަލަތަކާ ގުޅިގެން ހަތަރު މެންބަރަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ ސުލޫކީ ކޮމިޓީން މިއަދު ނިންމައިފި އެވެ. މިގޮތުން، ގެއްލުންދިން މައިކްތަކުގެ އަގު ދެއްކުމަށް އެ މެންބަރުންނަށް އަންގަން ވަނީ ނިންމާފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މީޑިއާގެ ބިލާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ގެއްލުންވެފައި ވެ އެވެ. މި މައްސަލާގައި ފިޔަވަޅު އަޅަން ކޮމިޓީން މިއަދު ނިންމީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން އަދި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރަށެވެ.
ކޮމިޓީން ނިންމާފައިވަނީ ގެއްލުންވި މައިކް ސިސްޓަމްގެ އަގު ކަމަށްވާ 34،800 ރުފިޔާ، މި ތިން މެންބަރުންނަށް ބަހާލައިގެން މަޖިލީހަށް ދެއްކުމަށް އަންގާށެވެ.
މީގެ އިތުރުން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދަށަށް ވެސް ފިޔަވަޅު އަޅަން ކޮމިޓީން ނިންމާފައިވެ އެވެ. އޭނާއަށް ފިޔަވަޅު އަޅަން ނިންމީ މަޖިލީހުގެ ޖަލްސާއެއްގައި މައިކަށް ގެއްލުންދިން މައްސަލައެއްގަ އެވެ. އެ މައިކްގެ އަގަށްވާ 3,000 ރުފިޔާ މަޖިލީހަށް ދެއްކުމަށް އަންގަން ކޮމިޓީން ވަނީ ނިންމާފަ އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ހޫނުވީ، މީޑިއާ ރެގިއުލޭޓްކުރާ ބިލާ ގުޅޭ މަޝްވަރާތައް ކުރިއަށްދަނިކޮށް، ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ މެންބަރު މައުރޫފް ޒާކިރު މައިކް އޮންކުރުމަށްފަހު ވާހަކަދައްކަވަން ފެއްޓެވުމުންނެވެ. އެއާއެކު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ އެކަން ހުއްޓުވިއެވެ. އެ ވަގުތު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކުގެ ވާގަނޑުގައި ހިފަހައްޓައި އިމްރާނަށް ދަމައިނުގަނެވޭ ގޮތަށް ހިފެހެއްޓި އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި މައިކްރޮފޯނުތަކަށް ވަނީ ގެއްލުންވެފަ އެވެ.