
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުނި މެނޭޖްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ރަސްމީކޮށް ފަށައިފިއެވެ. މި މަހާސިންތާ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން އިފްތިތާޙުކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.
ހައްދުންމަތީ ގަމުގައި، ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަހާސިންތާގެ މައިގަނޑު މަޤުޞަދަކީ، ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުމަކީ މި މަހާސިންތާގެ މައިގަނޑު އެއް މަޤުޞަދެވެ. އެގޮތުން، ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާ ބާއްވަނީ ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކު، ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ޚިޔާލުތަކާއި ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމުގެ މަޤުސަދުގައެވެ. މަހާސިންތާގައި ކުނި މެނޭޖްކުރުމާއި ތިމާވެއްޓާއި ގުޅުންހުރި ތަފާތު ސިޔާސަތުތަކާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ކުނި މެނޭޖްކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމެއްގައި މިކަން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން، ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބައިވެރިން އަހުލުވެރިކޮށް، މި ދާއިރާގެ ތަޖުރިބާކާރުންނާއި ނަމޫނާ ގޮތެއްގައި ކުނިމެނޭޖްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ހިއްސާކޮށް، ދާއިރާގައި ހަރަކާތްތެރިވާ ހިއްސާދާރުންގެ މެދުގައި ގުޅުންބަދަހިކުރުމަށް ވެސް މި މަހާސިންތާ ބާއްވައެވެ.
މި މަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން ޖުމްލަ 200 މީހުން ބައިވެރިވެއެވެ.