navLogo

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
social media
މަރިޔަމް

ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖޭގެ މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން މިއަދު އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކުރައްވާފައިވާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެއެވެ. މިކަމާ ގުޅިގެން، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އެމްއެންޑީއެފުންވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށެވެ. އަދި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައިވެއެވެ. މީގެ އިތުރުން، އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ދޯނިފަހަރުގައި ލައިސަންސް ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވުމަށާއި، ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށް އެމްއެންޑީއެފުން އެދެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް ވެސް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.

މެޓުން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައްވެސް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުންވަނީ ހއ. އަތޮޅުން ފެށިގެން ދ.އަތޮޅަށް މިރޭ 8:00 ޖެހުމާ ހަމައަށް ހުދު ސަމާލެއްވެސް ނެރެފައެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ދަތުރުވެރިންނަށް، މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު އަދާ ހަމަކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

Rate this article

Leave a Comment

Comments (0)